އަޅުގަނޑުމެން މުސްލިމުން ޚަވާރިޖުންނަށް އަޅުގަނޑުމެންގެ ނަން ބޭނުންކޮށްގެން ޓެރަރިސްޓު ޙަމަލާތައް ހިންގުމަށް ފުރުޞަތު ދީގެން ނުވާނެ!
އަޅުގަނޑުމެން ސަލަފީން، ސުންނަތާއި ޖަމާޢަތުގެ މީހުން، އިސްލާމުން ޚަވާރިޖުންނަށް – އައިސިސް، އަލްޤާޢިދާ އަދި އެހެން ޓެރަރިސްޓުންނަށް – އަޅުގަނޑުމެންގެ ނަން ބޭނުންކޮށްގެން މުސްލިމުންނާއި މުސްލިމުން ނޫން މީހުންނަށް ދޭ ގެއްލުންތަކާއި ޓެރަރިސްޓު ޙަމަލާތައް ހިންގުމަށް ފުރުޞަތު ދީގެން ނުވާނެ އެވެ. – ޝައިޚް އަބޫ ޚަދީޖާ حفظه الله تعالى
“އެހެންވީމާ މުސްލިމަކު އޭނަގެ ހިތުގައި، މި ޚަވާރިޖުންނަށް އެމީހުންގެ ޓެރަރިސްޓު ޢަމަލުތަކާއެކު ދޫކޮށްލަން ޖެހޭނެ ކަމަކަށް ދެކިގެން ނުވާނެ އެވެ. އެއްގޮތަކަށްވެސް ނޫނެވެ! އަޅުގަނޑުމެން އެމީހުންނަށް އެކަން ކުރާކަށް ނުދޭނަމެވެ. އަޅުގަނޑުމެންނަށް އެނގިއްޖެނަމަ އެމީހުން ޓެރަރިސްޓު ޢަމަލެއް ހިންގަން އުޅޭކަން، އަޅުގަނޑުމެން ދިރިއުޅޭ ޤައުމަކީ ކޮންމެ ޤައުމެއް ކަމުގައިވިޔަސް، އަޅުގަނޑުމެން އެކަން ވެރިންނަށް އަންގާނަމެވެ.
އެއީ އެމީހުން ތަފާތުކުރުމެއް ނެތި، އަންހެނަކު، ނުވަތަ ކުޑަކުއްޖަކު، ނުވަތަ އާންމު މީހަކު މަރައިފާނެތީއެވެ. އަދި އެމީހުން އެއްބަސްވުންތައް މުގުރައިލައި، ވަޢުދުތައް ނަގައިލައެވެ. އެމީހުންނަށް އެއްވެސް މީހަކު މެރުމުގެ ޙައްޤެއް ނެތެވެ. އެހެންވީމާ އާނއެކެވެ. އަޅުގަނޑުމެން ވެރިންނަށް (ފުލުހުންނަށް) އަންގައި، އެމީހުންނާ އެއްބާރުލުން ދޭނަމެވެ. ޓެރަރިޒަމާއި ޓެރަރިސްޓު ޢަމަލުތައް ހުއްޓުވުމަށް، އެއީ މުސްލިމުންގެ ދިރިއުޅުން އުނދަގޫކުރާ ކަންކަމެވެ.
އެހެންވީމާ މި ނުބައި މީހާ މަރުވެއްޖެއެވެ. އެއީ އޭނަ މަރުވާން ބޭނުންވީތީއެވެ. ﷲ އޭނައަށް ޙައްޤުވާ އަދަބު ދެއްވާށިއެވެ.
އެކަމަކު މިހާރު ކާކުތޯ އޭގެ ފަހުން އުނދަގޫ ވާނީ؟ ކާކުތޯ އެއަރޕޯޓުތަކުގައި އުނދަގޫ ވާނީ؟ ކާކަށްތޯ ހަޑިހުތުރު އެއްޗެހި ކިޔާނީ؟ ކާކުގެ އަނބިމީހާއަށްތޯ އުނދަގޫ ވާނީ؟ ކާކުގެ ބުރުގާތޯ ނިގުޅައިގަނެވޭނީ؟ ކާކުތޯ މަގުމަތީގައި ތެޅި އަނިޔާކުރެވޭނީ، އެމީހުން ހިތުން ތިބާއަކީވެސް އެ ޓެރަރިސްޓާ އެއްފަދަ ޓެރަރިސްޓެއް ކަމަށް ދެކޭތީ؟ އަޅުގަނޑުމެން ތިޔަބައިމީހުންގެ ނުބައި ޢަމަލުތަކުގައި، ތިޔަބައިމީހުންގެ ފާފައިގައި އަދި ތިޔަބައިމީހުންގެ ހައްދުފަހަނައަޅާ ދިއުމުގައި ބައިވެރިވާކަށް ނުޖެހުނީމެވެ.
ޙަޤީޤަތުގައި އަޅުގަނޑުމެން އެކަމުން ދުރުވީމެވެ. އަދި އަޅުގަނޑުމެން އެކަމާ އެއްވެސް ގުޅުމެއް ބޭނުމެއް ނުވަމެވެ. އެކަމަކު ތިޔަބައިމީހުން އަޅުގަނޑުމެން އެކަމުގެ ތެރެއަށް ވައްދައިފިއެވެ. އެހެންވީމާ އަޅުގަނޑުމެން ތިޔަބައިމީހުންގެ ކުށުގެ ނަތީޖާ އުފުލަން ޖެހެއެވެ.
އޭ ޚަވާރިޖުންނާއި ޓެރަރިސްޓުންނާއި ބަޣާވާތްތެރިންނޭވެ!
އެހެންވީމާ އަޅުގަނޑުގެ ދަރިން އުނދަގޫ އުފުލަން ޖެހެއެވެ. އަދި ތިޔަބައިމީހުންގެ އަންހެން ދަރިން އުނދަގޫ އުފުލަން ޖެހެއެވެ. އަދި އަޅުގަނޑުމެންގެ އަންހެން ކޮއްކޮއިންނާއި ދައްތައިން އުނދަގޫ އުފުލަން ޖެހެއެވެ.
އަދި ތި މީހުންނާހެދި އެމީހުންނަށް ހަޑިހުތުރު އެއްޗެހި ކިޔަން ޖެހެއެވެ. އަ އަދި އެމީހުން އެއަރޕޯޓުތަކުގައި ހުއްޓުވަން ޖެހެއެވެ. އަދި އެމީހުންނާ ސުވާލުކުރަން ޖެހެއެވެ.
އަދި އެމީހުން އެމީހުންގެ ހެދުން ބާލަން ޖެހެއެވެ. ކީއްވެގެންތޯ؟ މި ޚަވާރިޖުންގެ ޢަމަލުގެ ސަބަބުންނެވެ.
އެމީހުންނަކީ އުޑުގެ ދަށުގައި މަރާލެވޭ މީހުންގެ ތެރެއިން އެންމެ ނުބައި މީހުންނެވެ. އެއީ ކީރިތި ރަސޫލާ ﷺ ހަދީޘް ކުރެއްވި ބަސްފުޅެވެ.”

