ޙޫޘީން

ޙޫޘީން މައްކާއަށް ދިން ޙަމަލާއަކީ ޤަރާމިޠާއިންގެ ތާރީޚު ތަކުރާރުވުން – ޝެއިޚް ރަބީޢު رحمه الله

5 މިނިޓު 27 ބެލި

މީގެ ދިހަ އަހަރު ކުރިން، 2016 ވަނަ އަހަރު ކާފިރު ޙޫޘީ ރަވާފިޟުން މައްކާއަށް ބެލިސްޓިކް މިސައިލުން ޙަމަލާދިން ހިނދު، ސުންނަތުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން ޝައިޚް ރަބީޢު ބިން ހާދީ އަލް-މަދްޚަލީ (رحمه الله) ވަނީ އެބައިމީހުންގެ ޙަޤީޤަތް ބަޔާންކޮށްދެއްވައި މި ލިޔުން ލިޔުއްވާފައެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، އިޚްވާނީ ވިސްނުމުގެ ޝައިޚުންނާއި، ޖާހިލު ޢާއްމުން (ރުވައިބިޟާއިން) ކާފިރު ޙޫޘީންގެ ތަޤިއްޔާގެ ބަސްތަކަށް ހެއްލި، އެމީހުންނަކީ އިސްލާމީ އުއްމަތުގެ ބަޠަލުންކަމުގައި ދެކެމުންދާ މަންޒަރެވެ.

ޙޫޘީންގެ އަސްލު މަޤްޞަދަކީ އަހުލުއްސުންނަތް ނައްތާލުމާއި، މައްކާއާއި މަދީނާ ފުނޑުފުނޑުކޮށްލުންކަން އެމީހުންގެ ބަސްތަކުންނާއި ޢަމަލުތަކުން ކުރިންވެސް އަދި މިހާރުވެސް ވަނީ ސާފުކޮށްދީފައެވެ. ސަޢުދީ ޢަރަބިއްޔާއާމެދު އޮންނަ ޙަސަދަވެރިކަމެއްގެ ބޮޑުކަމުންނާއި، އަދި އެމެރިކާއާއި އިސްރާއީލާމެދު އޮންނަ ރުޅިވެރިކަމުގެ ސަބަބުން، މީޑިއާތަކާއި ބައެއް މީހުން މިއަދު އެ ތާއީދުކުރަނީ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އެހެން ކާފިރު ބަޔަކަށެވެ.

ޙަޤީޤަތުގައި މިއީ ޙަރަމައިންގެ ބިން ހަލާކުކޮށްލުމަށާއި، ޔަހޫދީންގެ “ގްރޭޓަރ އިސްރާއީލް” ގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި އިސްލާމްދީނުގެ ދުޝްމަނުން ގުޅިގެން ހިންގާ ރޭވުމެކެވެ. ޙޫޘީންނާއި ރަވާފިޟުންނަކީ ޔަހޫދީން އެމީހުންގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ދުއްވާ ޙިމާރުންނެވެ. އެ ޙިމާރު އޭގެ ސާހިބުމީހާއާ ދެކޮޅަށް އަޑުގަދަކުރި ނަމަވެސް، އެންމެފަހުން އެ ޙިމާރު މަސައްކަތްކުރަނީ ހަމަ އޭގެ ސާހިބުމީހާއަށް ޚިދުމަތްކުރުމަށެވެ.

ޝައިޚް ރަބީޢު (رحمه الله) ގެ މި ލިޔުމަކީ ޙޫޘީންގެ އަސްލު ޙަޤީޤަތާއި، އެމީހުންގެ ބާޠިނިއްޔަ ޢަޤީދާ މުސްލިމުންނަށް ހާމަކޮށްދޭ މުހިންމު ލިޔުމެކެވެ.

ޙޫޘީން މައްކާއަށް ދިން ޙަމަލާއަކީ ޤަރާމިޠާއިންގެ ތާރީޚު ތަކުރާރުވުން – ޝައިޚް ރަބީޢު رحمه الله

ޙޫޘީ ރަވާފިޟުން ބެލިސްޓިކް މިސައިލަކުން މައްކަތުލް މުކައްރަމާއަށް އަމާޒުކޮށް ޙަމަލާދިނުމަކީ ހަމަކަށަވަރުންމެ އެބައިމީހުންގެ ކާބަފައިން ކަމުގައިވާ ބާޠިނިއްޔަ ޤަރާމިޠާއިންގެ ޢަމަލުތަކުގެ ސިލްސިލާގެ ބޮޅެކެވެ.

بسم الله الرحمن الرحيم ޙަމްދު ހުރީ ﷲ އަށެވެ. އަދި ރަސޫލުﷲ އާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި، އަދި އެކަލޭގެފާނުގެ ހިދާޔަތަށް ތަބަޢަވީހާ ބަޔަކަށް ޞަލަވާތާއި ސަލާމް ހުއްޓެވެ.

އައްމާ ބަޢުދު. ފަހެ ހަމަކަށަވަރުން ރަވާފިޟުންގެ ކިބައިގައިވާ ބޮޑެތި މަގުފުރެދުންތަކުގެ ތެރެއިން ގުނައި ޢަދަދު ނުކުރެވޭހާ ގިނަ ކަންކަން މުސްލިމުންނަށް ވަނީ އެނގިފައެވެ.

އަދި އޭގެ ތެރޭގައި އެބައިމީހުން ޞަޙާބީންނާއި -رضي الله عنهم- އަދި މުސްލިމުން ކާފިރުކުރުމާއި، މާތްވެގެންވާ އަހްލުބައިތުންނާމެދު އެބައިމީހުން ހައްދުފަހަނައަޅައި ދިއުން ހިމެނެއެވެ. ﷲ އެބޭކަލުން ރަވާފިޟުންނާއި، އެބައިމީހުންގެ ހައްދުފަހަނައަޅައި ދިއުމުން ބަރީއަކުރެއްވިއެވެ.

އަދި މި ހައްދުފަހަނައަޅައިދިއުމުގެ ތެރޭގައި، އިމާމުންނަށް ޣައިބު އެނގޭކަމަށާއި އަދި ކާއިނާތުގެ ޒައްރާތަކުގެ ތެރެއިން ކޮންމެ ޒައްރެއްގައިމެ އެބޭކަލުން ތަޞައްރުފާއި ބާރު ފޯރުވާކަމާއި އިމާމުންނާމެދު އެބައިމީހުން ބުނާ ބުނުން ހިމެނެއެވެ! ފަހެ، މި ކާއިނާތުގައި ﷲ އަށް (މިލްކުވެވޮޑިގެންވާކަމަށް) ރަވާފިޟުން ބާކީކުރީ ކޮން އެއްޗެއް ހެއްޔެވެ؟! އަދި މި ބާބުގައި (އެބަހީ: މި މައުޟޫޢުގައި) އެބައިމީހުންނަށް ކުފުރުގެ ކަންތައްތަކުގެ ތެރެއިން ކިތައްކިތައް ކަންތައް ވޭހެއްޔެވެ!

އަދި ޔަމަނާއި ޝާމް ފަދަ މުސްލިމުންގެ ޤައުމުތަކުގައި ރަވާފިޟުން ހަލާކުކުރަނިވި ހަނގުރާމަތަކުގައި ހުޅުރޯކޮށްފައިވާ މި އުނދަގޫ ދަތި ދުވަސްވަރުގައި، އެމީހުންގެ (މުސްލިމުންގެ) ތެރެއިން އެތައް ލައްކަ ބައެއްގެ ލޭ އޮހޮރުވުން އެބައިމީހުން ހުއްދަކުރެއެވެ. އަދި އެމީހުން އެ (މުސްލިމުންގެ) ދަރިން ފާސިދުކުރެއެވެ. ފަހެ، އެ (އަޞްލު) ރަވާފިޟުންނާ އެމީހުންގެ ކުފުރުގެ ޢަޤީދާތަކުގައްޔާއި އަދި އެ ކުދިންގެ އަމިއްލަ ޢާއިލާތަކުގެ ލޭ އޮހޮރުވުމުގައި ބައިވެރިވާނޭ ގޮތަށް އެ ދަރިން ރަވާފިޟުންނަށް ބަދަލުކޮށްލައެވެ.

އަދި އެބައިމީހުން މި ނުބައިވެގެންވާ ޖަރީމާތަކުން ފުއްދައެއް ނުލިއެވެ. ފަހެ، އެބައިމީހުންގެ ފަރާތުން ﷲ ގެ ޙުރުމަތްތަކަށް އަރައިގަތުމެއްގެ ގޮތުން މައްކަތުލް މުކައްރަމާއަށް (ބެލިސްޓިކް) މިސައިލެއް އަމާޒުކުރުމަށް އެބައިމީހުންނަށް ބާރުއެޅުމަށްޓަކައި އެބައިމީހުންގެ ފޮރުވިފައިވާ ރުޅިވެރިކަން ޙަރަކާތްތެރިވިއެވެ. އެ ޙުރުމަތްތަކަކީ އެބައިމީހުން އީމާންނުވާ، އަދި އެކަންކަމަށް އެއްވެސް ބުރަދަނެއް އެމީހުން ނުދޭ ކަންކަމެވެ.

މާތް ﷲ އެބައިމީހުންގެ މި ޢަމަލުފަދަ ކަންކަމާ ގުޅޭގޮތުން ވަޙީކުރެއްވިއެވެ. {وَمَنْ يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُذِقْهُ مِنْ عَذَابٍ أَلِيمٍ} [الحج: 25] މާނައީ: “އަދި އެތާނގައި (އެބަހީ: ޙަރަމްފުޅުގައި) އަނިޔާވެރިކަމާއެކު، ޙައްޤު މަގުން އެއްކިބާވުމަށް ޤަޞްދުކުރާ މީހާޔަށް، ވޭންދެނިވި ޢަޛާބުގެ ރަހަ ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ.”

އަދި ހަމަކަށަވަރުން އެބައިމީހުންގެ ކާބަފައިން ކަމުގައިވާ ޤަރާމިޠާއިން އެބައިމީހުންނަށްވުރެ ކުރިން މިފަދަ އިލްޙާދަށް (އެބަހީ: ޙައްޤުން އެއްކިބާވެ ޙަރަމްފުޅުގެ ޙުރުމަތްކަނޑާލުމަށް) އިސްވެގޮސްފައިވެއެވެ. ފަހެ، އެބައިމީހުން ﷲ ގެ ޙަރަމްފުޅާއި އެކަލާނގެ ޒަމާންވީ ގެފުޅުގެ ތެރޭގައި ޙައްޖުވެރިންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ޤަތުލުކުރިއެވެ. އަދި އެބައިމީހުން ޙަޖަރުލް އަސްވަދު ފޭރިގަނެ، އެބައިމީހުންގެ އިލްޙާދުގެ ގޯތި ކަމުގައިވާ ‘ހަޖަރް’ (އަލްއަޙްސާ) ގައިވާ އެމީހުންގެ ކަޢުބާގައި އެ ހިލަ ބެހެއްޓިއެވެ.

ފަހެ، ޙޫޘީ ރަވާފިޟުންގެ ފަރާތުން ހިނގި މި ޢަމަލަކީ، ހަމަކަށަވަރުންމެ އެބައިމީހުންގެ ކާބަފައިންނާއި އެބައިމީހުންގެ ސާހިބުންކަމުގައިވާ ޤަރާމިޠާއިން ފޮރުވައިގެން ގެންގުޅުނު ކަންތައްތަކަށާއި އަދި އެކަމަކަށް ހުވަފެންދެކެމުންދިޔަ ކަންކަމަށް ދެވުނު އާކުރުމަކާއި ޢަމަލީގޮތުން ދައްކައިދިނުމެކެވެ.

ޙުސައިން އަލް-މޫސަވީ އޭނާގެ ފޮތް “لله ثم للتاريخ” ގެ 91-92 ވަނަ ޞަފުޙާގައި، -އޭނާ ޚުމައިނީއަށް ކުރި ޒިޔާރަތާ ބެހޭގޮތުން ވާހަކަދައްކަމުން- ބުނެފައިވެއެވެ.

“އަދި އިމާމާއެކު ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައި އޭނާ (ޚުމައިނީ) ތިމަންނަ ގާތު ބުންޏެވެ. އޭ ސައްޔިދު ޙުސައިން އެވެ. އިމާމުންގެ ވަޞިއްޔަތްތައް ތަންފީޛުކުރުމުގެ ވަގުތު ޖެހިއްޖެއެވެ. އެބޭކަލުންގެ މައްޗަށް ﷲ ގެ ޞަލަވާތް ހުއްޓެވެ. ތިމަންމެން ނަވާޞިބުންގެ (ސުންނީ މުސްލިމުންގެ) ލޭ އޮހޮރުވާލާހުށީމެވެ. އަދި އެބައިމީހުންގެ ދަރިން ޤަތުލުކުރާހުށީމެވެ. އަދި އެބައިމީހުންގެ އަންހެނުން ދިރިތިބެން ދޫކުރާހުށީމެވެ. އަދި އެމީހުންގެ ތެރެއިން އެކަކުވެސް ޢުޤޫބާތުން ސަލާމަތްވެގެންދާކަށް ތިމަންމެން ދޫކޮށެއް ނުލާހުށީމެވެ. އަދި އެމީހުންގެ މުދާތައް ޚާލިޞްވެގެންވާނީ އަހްލުބައިތުންގެ ޝީޢީންނަށެވެ. އަދި ތިމަންމެން ބިމުގެ މަތިން މައްކާއާއި މަދީނާ ފޮހެލާހުށީމެވެ. އެހެނީ މި ދެ ރަށް ވަހާބީންގެ ކިއްލާއަކަށް ވެއްޖެއެވެ. އަދި ކަރްބަލާ ﷲ ގެ ބަރަކާތްތެރި، މުޤައްދަސް ބިން ކަމުގައި، ނަމާދުގައި މީސްތަކުންގެ ޤިބްލަ ކަމުގައި ވުން ކޮންމެހެންވެސް ލާޒިމުވެގެންވެއެވެ. އަދި އެކަމުގެ ސަބަބުން ތިމަންމެން އިމާމުންގެ ހުވަފެން ޙަޤީޤަތަކަށް ހަދާހުށީމެވެ. އެބޭކަލުންގެ މައްޗަށް ސަލާމް ހުއްޓެވެ. ހަމަކަށަވަރުން އެ ދައުލަތެއް ޤާއިމުކުރުމަށްޓަކައި ތިމަންމެން ދިގު އަހަރުތަކެއް ވަންދެން ޖިހާދުކުރި ތިމަންމެންގެ ދައުލަތް ޤާއިމުވެއްޖެއެވެ. އަދި ތަންފީޛުކުރުން ފިޔަވައި އެހެންކަމެއް ބާކީ ނެތެވެ!!”

ތިމަން (ރަބަީޢު) ވިދާޅުވަމެވެ. ފަހެ، ޔަމަނުގައްޔާއި، މައްކާއާއި ސަޢުދީ ޢަރަބިއްޔާއާ ދެކޮޅަށް ޙޫޘީން އެބައިމީހުންގެ ބޮޑުވެގެންވާ ފިތުނައިގައި ނުކުމެފައިވަނީ، ރާފިޟީ ޚުމައިނީ އަހްލުބައިތުންނަށް ނިސްބަތްކުރި ނުބައިވެގެންވާ މަޛްހަބުގެ ތެރެއިން ކަމުގައިވުން ދުރުކުރެވިގެން ނުވެއެވެ. (ﷲ އެބޭކަލުން އެކަމުން ބަރީއަކުރައްވައި ހުސްޠާހިރުކުރެއްވިއެވެ). އަދި ޙޫޘީންގެ އެ ނުކުތުން ވަނީ، މައްކާއާއި މަދީނާ މުގުރާލުމުގައްޔާއި، ޝިރުކާއި ބުދުދީނުގެ ޢަމަލުތައްވާ ކަރްބަލާއަށް ޤިބްލަ ބަދަލުކުރުމުގައި އެބައިމީހުންގެ ބާޠިނިއްޔަ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ކަމުގައިވުން (ދުރުކުރެވިގެން ނުވެއެވެ). އެ ކަރްބަލާއަކީ ޚުމައިނީ ދޮގުވެރިކަމާއި ފާޖިރުކަމާއެކު މުޤައްދަސް ތަނެއްގެ ގޮތުގައި ސިފަކުރާ ތަނެވެ. ނަމަވެސް ހަމަ އެ ވަގުތުގައި އޭނާގެ ބާޠިނިއްޔަ ނަފްސު މައްކާއާއި މަދީނާގެ މައްޗަށް އެ ސިފަ (އެބަހީ: މުޤައްދަސްކަމުގެ ސިފަ) ބޭނުންކުރުމަށް އޭނާއަށް ހުއްދައެއް ނުދެއެވެ.

ﷲ ޒިންދީޤު ރަވާފިޟުންގެ އުންމީދުތައް ނާކާމިޔާބުކުރައްވާށިއެވެ. އަދި އެބައިމީހުންގެ ޖަރީމާތަކުން ޙަރަމައިންގެ ބިން ރައްކާތެރިކުރައްވާށިއެވެ. އަދި އެބައިމީހުންގެ މައްޗަށް އިސްލާމްދީނަށާއި މުސްލިމުންނަށް ނަޞްރުދެއްވާށިއެވެ. އަދި އެބައިމީހުންގެ ކާބަފައިން ކަމުގައިވާ ބާޠިނިއްޔަ ޤަރާމިޠާއިންގެ ދައުލަތް ސުންނާފަތިކުރެއްވި ފަދައިން ﷲ އެބައިމީހުންގެ ދައުލަތް ސުންނާފަތިކުރައްވާށިއެވެ.

ހަމަކަށަވަރުން އެކަލާނގެއީ ދުޢާ އައްސަވާވޮޑިގެންވާ އިލާހެވެ.

ލިޔުއްވީ / ރަބީޢު ބިން ހާދީ ޢުމައިރު އަލްމަދްޚަލީ 30/1/1438ހ.

ޤަރާމިޠާއިންނާއި، ޙޫޘީންނާއި، އީރާނުގެ ރޭވުން

ޤަރާމިޠާއިންނަކީ ހިޖުރީ ތާރީޚުން 3 ވަނަ ޤަރުނުގެ ފަހުކޮޅު ފާޅުވި، އިސްލާމްދީނުގެ ޙުކުމްތަކަށް އިންކާރުކުރި ނުބައިވެގެންވާ ބާޠިނިއްޔަ ފިރުޤާއެކެވެ. މީލާދީން 930 ވަނަ އަހަރު އެބައިމީހުން ވަނީ މައްކާގެ ޙަރަމްފުޅަށް ވަދެގަނެ، އެތައް ހާސް ޙައްޖުވެރިންނެއް ކަތިލައި ޤަތުލުކޮށް، މާތްވެގެންވާ ޒަމްޒަމް ވަޅުކޮޅުގެ ތެރެއަށް މީހުންގެ ގަބުރުތައް އަޅައި އެތަން ނަޖިސްކޮށްފައެވެ. އަދި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ގޮތުން 22 އަހަރު ވަންދެން ޙަޖަރުލް އަސްވަދު ފޭރިގަނެގެން ގެންގުޅުނެވެ. މިއީ އިސްލާމީ ތާރީޚު ދުށް އެންމެ ނުބައި އެއް ޖަރީމާއެވެ.

މިއަދު ޙޫޘީން އެ ކުރަނީ ހަމަ އެމީހުންގެ ކާބަފައިންގެ އެ ނުބައި މަސައްކަތެވެ. ޙޫޘީންނަކީ އީރާނުގެ ކާފިރު ރަވާފިޟުންގެ މަޤްޞަދުތައް ޙާޞިލުކޮށްދޭ ޕްރޮކްސީންނެވެ. (އެމީހުންގެ ބަދަލުގައި ހަނގުރާމަކުރާ އޭޖެންޓުންނެވެ). އީރާނުގެ ރަވާފިޟުން އެމީހުންގެ ‘ތަޤިއްޔާ’ (މަކަރާއި ޙީލަތްތެރިކަން) ބޭނުންކޮށްގެން، އެމީހުންގެ އަސްލު ސާހިބުން ކަމުގައިވާ ޔަހޫދީންނާއި ޞަލީބީންނާ ދެކޮޅަށް އަޑުގަދަކޮށް ހަޅޭއްލަވާކަމުގެ ދޮގު މަންޒަރު މުޅި ދުނިޔެއަށް ދައްކައެވެ. މި ބޮޑު މަކަރުގައި ޖެހި، އަހުލުއްސުންނަތުގެ ވަރަށް ގިނަ ޢާއްމުން ހެއްލި، އެމީހުންގެ ސިކުނޑިތައް ދޮވެވި، ރަވާފިޟުންގެ މި ނުބައި މަޝްރޫޢުގެ ޝިކާރައަކަށްވެ ވަނީ އޭގެ ތެރެއަށް ވެއްޓިފައެވެ. މިއީ ރަވާފިޟުން އެމީހުންގެ އެކި ނަންނަމުގައިވާ އޭޖެންޓުންތައް މެދުވެރިކޮށް އަހުލުއްސުންނަތުގެ ތެރެއަށް ފޭދިގަނެ، މުސްލިމުންގެ ޢަޤީދާ ފާސިދުކޮށް ސުންނަތުގެ އަހުލުވެރިން ނައްތާލުމަށް ހިންގާ ވަރަށް ނުރައްކާތެރި ރޭވުމެކެވެ.

މައްކާއަށް އަމާޒުކުރި މިސައިލް ޙަމަލާ

ރިޔާޟް، 29 މުޙައްރަމް 1438، 30 އޮކްޓޯބަރ 2016، އެސް.ޕީ.އޭ —

ޔަމަނުގައިވާ ބަޣާވާތްތެރިންނާއި، އެމީހުންގެ ފަހަތުގައިވާ އީރާނުން، ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން މައްކާއަށް އަމާޒުކޮށް ދިން ޙަމަލާ، އައް-ރިޔާޟް، އަލް-ޔައުމް، ޢުކާޒް، އަދި އައް-ޝަރްޤު ނޫހުން ވަރަށް ބޮޑަށް ކުށްވެރިކުރިއެވެ. އަދި މި ނުބައިވެގެންވާ ޢަމަލުގެ ސަބަބުން ޢަރަބި އަދި އިސްލާމީ ދުނިޔޭގައި ރުޅިވެރިކަމުގެ ރާޅެއް އުފެދިފައިވާކަން އެ ނޫސްތަކުން ފާހަގަކުރިއެވެ.

މުސްލިމުންގެ އެންމެ މުޤައްދަސް ތަންތަނާ، އަދި އޭގެ އެންމެ ކުރީގައިވާ މާތްވެގެންވާ މަސްޖިދުލް ޙަރާމާ ގުޅުންހުރި ކަމަކާ ކުރިމަތިވުމުން، މުސްލިމުން އެމީހުންގެ މެދުގައިވާ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އެއް ސަފެއްގައި އެކުވެރިވެ ތިބޭކަން އެ ނޫސްތަކުން ފާހަގަކުރިއެވެ.

ޙޫޘީ މިލީޝިޔާތަކުން މައްކާއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލަކީ ނުބައިވެގެންވާ ޖަރީމާއެއްކަމަށާއި، އަދި އެއީ ތަޙައްމަލުކުރުން އިސްކުރާ އިސްލާމްދީނުގެ އުޞޫލުތަކަށް އެރި ފާޅުކަންބޮޑުވެގެންވާ އަރައިގަތުމެއް (އުދުވާނެއް) ކަން ނޫސްތަކުން ބަޔާންކުރިއެވެ. މައްކާއަށް ދިން މި ފާޅުކަންބޮޑު ޙަމަލާގެ ތެރެއިން، އެ ބަޣާވާތްތެރިން ވަނީ އެ އުޞޫލުތަކަށް ކުޑައިމީސްކޮށްފައެވެ. އަދި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންގެ ޖަޒުބާތުތައް ކައްކުވާލި މި ނުބައިވެގެންވާ ޢަމަލު މުޅި އިސްލާމީ ދުނިޔެއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވާކަންވެސް އެ ނޫސްތަކުން ފާހަގަކުރިއެވެ.

މި ލިޔުން ޙިއްޞާކުރައްވާ