ސަޢުދީ ޢަރަބިއްޔާގެ ގްރޭންޑް މުފްތީ (އެންމެ މަތީ މުފްތީ)، އަދި ކިބާރުލް ޢުލަމާ (ބޮޑެތި ޢިލްމުވެރިންގެ) ކައުންސިލްގެ ރައީސް، އަދި ޢިލްމީ ދިރާސާތަކާއި ފަތުވާދޭ ޢާއްމު އިދާރާގެ ރައީސް، ޑޮކްޓަރ ޝެއިޚް ޞާލިޙް އަލްފައުޒާން حفظه الله ބާރުއަޅުއްވައި ވިދާޅުވެފައިވަނީ، ޔަމަނަށް އަމާންކަމާއި ހަމަޖެހުން އަނބުރާ ގެނައުމަކީ ވާޖިބުތަކުގެ ތެރެއިން އެންމެ އިސްވެގެންވާ އެއް ވާޖިބު ކަމުގައެވެ. އަދި ޙޫޘީ ޖަމާޢަތަކީ ނުބައިވެގެންވާ ގޭންގެއް ކަމަށާއި، އެއީ ދުޝްމަނުންގެ (ޔަހޫދީންނާއި ނަޞޯރާއިންގެ) ރޭވުމެއް (މަކަރެއް) ކަމަށް ޝެއިޚް އަލްފައުޒާން އިޝާރާތްކުރެއްވިއެވެ. އެހެނީ އެ ޖަމާޢަތް ޤާއިމުވެފައިވަނީ ޢަޤީދާގެ ފާސިދުކަމާއި، މަންހަޖުގެ ފާސިދުކަމުގެ މައްޗަށެވެ. ފަހެ، ގިނަގުނަ އަހަރުތަކެއް ވަންދެން މެދުނުކެނޑި ހިނގަމުންދިޔަ ފިތުނަތަކެއްގައި، އެބައިމީހުން ވަނީ އެބައިމީހުންގެ ވަލިއްޔުލްއަމްރުންގެ މައްޗަށް ޚުރޫޖުވެ (ބަޣާވާތްކޮށްފަ) އެވެ. އެއީ ޤައުމާއި އަޅުތަކުން ބައިބައިކޮށްލުމަށް ދާންދެނެވެ.
އަދި ޝަރުޢީ ޖިހާދުކުރައްވާ މުރާބިޠުންނަށާއި (ސަރަޙައްދީ ރޮނގުތަކުގައި ފާރަވެރިވެ ތިބޭ ލަޝްކަރުތަކަށާއި) ކޯލިޝަންގެ މުޖާހިދު ސިފައިންނަށް އަމާޒުކުރައްވައި ޝެއިޚް ޞާލިޙް އަލްފައުޒާން ބަޔާނެއް ނެރުއްވިއެވެ. ކޯލިޝަންގެ މުޖާހިދު ސިފައިންނަށް ތަޙިއްޔާ (ސަލާމް) އާއި ތަޤުދީރު (ޝުކުރު) އަދާކުރައްވަމުން ޝެއިޚް ޞާލިޙް އަލްފައުޒާން ވިދާޅުވިއެވެ.
“ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަތިބީ ވަރަށް ބޮޑު ސަރަޙައްދީ އިމެއްގައެވެ. އަދި ނުހަނު މާތް، ޤަދަރުހުރި މަސްއޫލިއްޔަތެއްގައެވެ. ފަހެ، ތިޔަބައިމީހުން ﷲ ގެ ވާފަށުގައި (ދީނަށް) ރަނގަޅަށް ހިފަހައްޓާށެވެ! އަދި ތިޔަބައިމީހުންގެ ސަފުތައް އެއްބައިވަންތަކުރާށެވެ! އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ކިޔަމަންތެރިވެ އެއްބާރުލުން ދޭށެވެ! އަދި ތިޔަބައިމީހުންގެ ބަސް އެއްކުރާށެވެ! (އެއީ) ތިޔަބައިމީހުންގެ ވެރި ރައްބުގެ މި ބަސްފުޅަށް ކިޔަމަންގަތުމުގެ ގޮތުންނެވެ.
﴿وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا﴾ [آل عمران: 103] (މާނައީ: އަދި ތިޔަބައިމީހުން އެންމެން ﷲ ގެ ހައްބުގައި ގަދަޔަށް ހިފަހައްޓާށެވެ! އަދި ތިޔަބައިމީހުން ބައިބައިނުވާށެވެ!).
އަދި ދަންނާށެވެ! ތިޔަބައިމީހުން ތިޔަ ހަނގުރާމަކުރަނީ ދުޝްމަނަކާއެވެ. އެ ދުޝްމަނުން ވަނީ ޤައުމުގައި ފަސާދަ އުފައްދާފައެވެ. އަދި އަޅުތަކުން ބައިބައިކޮށްފައެވެ. އަދި އެބައިމީހުންގެ ވަލިއްޔުލްއަމްރުގެ މައްޗަށް ޚުރޫޖުވެފައެވެ. އަދި މުސްލިމުންގެ މުޤައްދަސް ތަންތަނަށް ނުބައިކަމެއް ދިނުމަށް ޤަޞްދުކޮށްފައެވެ. އެހެނެއްކަމަކު، ﷲ ތަޢާލާ ވޮޑިގެންވަނީ އެބައިމީހުންނަށް ފާރަވެރިވެވޮޑިގެންނެވެ.”
އަދި ސަޢުދީގެ ގްރޭންޑް މުފްތީ، ކިބާރުލް ޢުލަމާ ކައުންސިލްގެ ރައީސް، ޑޮކްޓަރ ޞާލިޙް އަލްފައުޒާންގެ ބަޔާނުގެ ނައްޞުގައި، ކެތްތެރިވުމަށާއި، ދުޝްމަނުންނަށް ވުރެ ބޮޑަށް ކެތްތެރިކަން ދެއްކުމަށާއި، އަދި ސަރަޙައްދީ ރޮނގުގައި ޘާބިތުވެ ތިބުމަށް މުރާބިޠުންނަށް ބާރުއަޅުއްވައި ވިދާޅުވެފައިވެއެވެ.
“ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ ވަރަށްވެސް ބޮޑުވެގެންވާ ފަޟްލަވަންތަކަމަކާއި، ވަރަށްވެސް ބޮޑުވެގެންވާ ދަރުމައަކުން ތިޔަބައިމީހުން ޚާއްޞަކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ﴾ [آل عمران: 200] (މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި ދުޝްމަނުންނަށްވުރެ ބޮޑަށް ކެތްތެރިކަން ދައްކާށެވެ! އަދި (ޖިހާދަށް) ފާރަވެރިވެ ތިބޭށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބުލިބުމަށްޓަކައެވެ.) އަދި ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ކިބައިން ޞައްޙަވެގެންވާ ބަސްފުޅެއްގައި ޙަދީޘްކުރެއްވިއެވެ. «رِبَاطُ يَوْمٍ فِي سَبِيلِ اللَّهِ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا» (މާނައީ: ﷲ ގެ މަގުގައި އެއްދުވަހު ފާރަވެރިވެ ހުރުން، ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.)”
އަދި ﷲ ގެ މަގުގައި ޖިހާދު ކުރާ މުޖާހިދު މުރާބިޠުން އެމީހުންގެ ވާޖިބު އަދާކުރުމަށް އަބަދުމެ ތައްޔާރީ ޙާލަތުގައި ތިބުމަށާއި، ވަލިއްޔުލްއަމްރުންނަށާއި މައިދާނުގައި ތިބޭ ކޮމާންޑަރުންނަށް އަޑުއަހައި ކިޔަމަންގަތުމަށާއި، އެންމެ ފުރިހަމަގޮތުގައި އަމުރުތައް ތަންފީޛުކުރުމަށް ވާޖިބުވެގެންވާކަމަށް ޝެއިޚް ޞާލިޙް އަލްފައުޒާން އިޝާރާތްކުރެއްވިއެވެ. އަދި ހަމައެފަދައިން، ޔަމަނުގެ ޝަރުޢީ ވެރިކަމުގެ ހިޔާވަހިކަމުގެ ދަށުން، އެ ޤައުމަށް އަމާންކަމާއި ހަމަޖެހުން އަނބުރާ ގެނައުމަކީ ވާޖިބުތަކުގެ ތެރެއިން އެންމެ އިސްވެގެންވާ ވާޖިބުކަމަށްވެސް ޝެއިޚް ޞާލިޙް އަލްފައުޒާން ސަމާލުކަން ގެންނެވިއެވެ. އެއީ “އަހަރެމެންގެ ޔަމަނުގެ އަޚުން، އަމާންކަމާއި ސަލާމަތްތެރިކަމާއި، ތަނަވަސްކަމާއި ހަމަޖެހުމުގައި ދިރިއުޅުމަށްޓަކައެވެ. އަދި އިސްލާމީ އުއްމަތުގެ އެހެނިހެން ދައުލަތްތަކާއެކު އެބައިމީހުންގެ ދައުލަތްވެސް ތަރައްޤީއާއި ކުރިއެރުމާއި، އެއްބައިވަންތަކަމުގައި ވުމަށްޓަކައެވެ.”