އިމާމު ޢަބްދުލްޢަޒީޒު ބިން މުޙައްމަދު ބިން ސުޢޫދު رحمه الله އަކީ ދިރްޢިއްޔާގެ ވެރިޔާ (މުޙައްމަދު ބިން ސުޢޫދު رحمه الله) ގެ ދަރިކަލުންނެވެ. ޝައިޚުލް އިސްލާމް އިމާމް މުޙައްމަދު އިބްނު ޢަބްދުލްވައްހާބު رحمه الله އެއްބަސްވުން ހެއްދެވީ އެ މުޙައްމަދު ބިން ސުޢޫދު އާއެކުގައެވެ. ބައްޕާފުޅު އަވަހާރަވުމަށްފަހު، ހިޖުރައިން 1179 ވަނަ އަހަރު ވެރިކަމާ ޙަވާލުވެވަޑައިގަތީ ޢަބްދުލްޢަޒީޒެވެ. އަދި އެކަލޭގެފާނު ތައުޙީދުގެ ދަޢުވަތު ޤާއިމުކުރެއްވިއެވެ. އިބްނު ޣައްނާމް އަލްއަޙްސާއީ އެކަލޭގެފާނު ސިފަކުރައްވާފައިވަނީ ޞާލިޙު ބޭކަލެއްގެ ގޮތުގައެވެ. ﷲ އަށް ބިރުވެތިވެވަޑައިގަންނަވާ، ގިނަގިނައިން ޛިކުރުކުރައްވާ، ރައްޔިތުންނަށް އޯގާތެރި އަދި ރަޙުމްހުރި ބޭފުޅެއްގެ ގޮތުގައެވެ. އަދި ފަތިސް ނަމާދަށްފަހު އިރުއަރަންދެން އެކަލޭގެފާނު މިސްކިތުން ނުކުމެވަޑައިނުގެން މަޑުކުރައްވައެވެ. އަދި އެކަލޭގެފާނު ޟުޙާ ނަމާދު ކުރައްވައެވެ. އެކަލޭގެފާނަކީ ރައްޔިތުންނަށް ވަރަށް ދީލަތިފުޅު ބޭކަލެކެވެ. އަދި ޢިލްމުވެރިންނަށާއި، ފަނޑިޔާރުންނަށާއި، ވެރިންނަށް އެކަލޭގެފާނު ގިނަ ސިޓީފުޅުތަކާއި ކުދި ލިޔުންތައް ފޮނުއްވިއެވެ. އޭގެ ތެރެއިން ގިނަ ލިޔުންތަކަކީ ޗާޕުކުރެވިފައިވާ ލިޔުންތަކެކެވެ. އިންޝާﷲ، އެހެނިހެން ލިޔުންތަކުގައި އެތަކެތި ހުށަހެޅޭނެއެވެ.
މި ލިޔުމުގައި އަޅުގަނޑުމެންގެ ސަމާލުކަން ހުއްޓޭ ކަމަކީ އެކަލޭގެފާނު އަވަހާރަވި ގޮތެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 1218 ވަނަ އަހަރުގެ ރަޖަބު މަހުގެ 22 ވަނަ ދުވަހު (ހޯމަ ދުވަހު)، ޢިރާޤުގެ އަލްޢިމާދިއްޔާ ކިޔާ ރަށަށް ނިސްބަތްވާ ރާފިޟީ (ޝީޢީ) އެއްގެ އަތްދަށުންނެވެ. އިމާމު ޢަބްދުލްޢަޒީޒު އޮންނެވީ ދިރްޢިއްޔާގައި ހުންނަ މަޝްހޫރު އައްޠަރީފު މިސްކިތުގައި ސަޖިދައިގައެވެ. ލުޠުފުﷲ ޖިޙާފް އޭނާގެ ފޮތުގައި (ދުަރަރު ނުޙޫރުލް ޙޫރުލް ޢީން ބިސީރަތިލް އިމާމުލް މަންޞޫރު، ޞަންޢާ، ޔަމަން، 1 ވަނަ ޗާޕު، ޞ. 838) ލިޔުއްވާފައިވެއެވެ:
“ޢަބްދުލްޢަޒީޒު ޤަތުލުކުރެވުނު ޙާދިޘާއާ ގުޅޭގޮތުން އަހުރެމެންނާ ހަމައަށް ނަޤުލުވެފައިވަނީ، ބޭރުން އައި މީހުންގެ ތެރެއިން މީހަކު، ޙުސައިންގެ ޒިޔާރަތް ހިމެނޭ ސަރަޙައްދުން ދިރްޢިއްޔާއަށް އައިސް، ޢަބްދުލްޢަޒީޒުގެ ޙަރަކާތްތަކަށް ފާރަލަން ފެށިކަމެވެ. އަދި މަކަރުވެރިކަމާއެކު އެކަލޭގެފާނު ޤަތުލުކޮށްލުމުގެ ފުރުޞަތަކަށް އޭނާ ދިޔައީ ސިއްރުން ފާރަލަމުންނެވެ. ނަމަވެސް އޭނާއަކަށް އެކަމެއް ނުވިއެވެ. ދެން އެންމެފަހުން، އެކަލޭގެފާނު (ޢަބްދުލްޢަޒީޒު) މިސްކިތުގައި ނަމާދުކުރައްވާ ތަނާ އޭނާ ކައިރިވެ، ޢަޞްރު ނަމާދުގެ ވަގުތުގައި އެކަލޭގެފާނުގެ އަރިހުގައި ނަމާދުކުރިއެވެ. އެކަލޭގެފާނު (ޢަބްދުލްޢަޒީޒު) ސަޖިދައިގައި އޮންނަވަނިކޮށް، އޭނާ (އެ ރާފިޟީމީހާ) ވަޅިއެއް ނަގައި އެކަލޭގެފާނުގެ ހަށިކޮޅަށް ހަރައިލިއެވެ. ދެން އެކަލޭގެފާނު އަވަހާރަވީއެވެ …”
ނޯޓު: ރާފިޟީންގެ ފަރާތުން މި ޢަދާވާތްތެރިކަން އައީ، އެބައިމީހުންގެ ޝިރުކުގެ ޢަމަލުތަކާ ތައުޙީދުގެ ދަޢުވަތު އިދިކޮޅުވުމުގެ ސަބަބުންނެވެ. (އެބައިމީހުންގެ އެ ޝިރުކުގެ ޢަމަލުތަކަކީ) އައުލިޔާއިންނަށް އަޅުކަންކުރުމާއި، އެބައިމީހުންގެ ކަށްވަޅުތަކަށާއި ޒިޔާރަތްތަކަށް އަޅުކަންކުރުމާއި، އަދި މުޞީބާތްތަކުން ސަލާމަތްކޮށްދެއްވުން އެދި އެފަރާތްތަކަށް ގޮވައި އިސްތިޣާޘާކުރުމާއި، އަދި މަންފާއެއް ހޯދުމަށް ނުވަތަ ގެއްލުމެއް ދުރުކުރުމަށް އެފަރާތްތަކަށް ނަދުރުބުނެ ހަދިޔާ ހުށަހެޅުމެވެ.
ތައުޙީދުގެ އިޞްލާޙީ ދަޢުވަތާމެދު ޢަދާވާތްތެރިކަން އައީ ރާފިޟީ ޝީޢީންނާއި ޞޫފީންގެ ފަރާތުންނެވެ. ސިޔާސީ ފެންވަރުގައި އެކަން ތަމްސީލުކޮށްދެނީ ޙަނަފީ މާތުރީދީ ޞޫފީ ދައުލަތެއްކަމުގައިވާ ޢުޘްމާނީ ދައުލަތާއި ރާފިޟީ ޝީޢީ ދައުލަތް (މިހާރުގެ އީރާން) އިންނެވެ. އެބައިމީހުންގެ ދީނީ ޢަމަލުތަކުގެ ބައެއް ކަންކަމާ ގުޅޭގޮތުން، ޝީޢީންނާއި ހައްދުފަހަނަޅާފައިވާ ޞޫފީންނާ ދެމެދު ވަރުގަދަ ގުޅުމެއް ވެއެވެ. ގަބުރުތަކާއި ގުޅިލާމެހުމާއި، ﷲ ފިޔަވައި އައުލިޔާއިންނަކީ އަޅުކަންކުރެވޭ ފަރާތްތަކެއް ކަމުގައި ހެދުން ތާރީޚީގޮތުން ޝީޢީންގެ ފަރާތުން ޞޫފީންނަށް ވަނީ ނަޤުލުވެފައެވެ.
ތައުޙީދާއި ސުންނަތުގެ ދަޢުވަތާއި ސަލަފީ ދައުލަތުގެ ޢަދާވާތްތެރިންގެ ތެރޭގައި ޚަވާރިޖުންނާއި، ރާފިޟީ އަދި ޚާރިޖީ ފިކުރުގެ މީހެއްކަމުގައިވާ ސައްޔިދު ޤުޠުބުގެ ވިހަގަދަ ފިކުރުން އުފަންވި ތަކްފީރީ ޖަމާޢަތްތައް ހިމެނެއެވެ. ކުރީ ޒަމާނުއްސުރެ ޚަވާރިޖުންނާއި ރަވާފިޟުންނަކީ، ސުންނީ ދައުލަތްތައް ކޮންމެ ތާކު އޮތްކަމުގައިވިޔަސް، އެ ދައުލަތްތަކުގެ ހަމަޖެހުން ނަގާލުމަށް އަބަދުވެސް މަސައްކަތްކުރާ ބައެއްކަން ވަރަށް ރަނގަޅަށް އެނގެން އޮވެއެވެ. އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަކްފީރުކުރި (ކާފިރުކުރި) ނަމަވެސް، ސުންނީ އިސްލާމީ ދައުލަތްތަކާއި މުސްލިމުން ނައްތާލުމަށް އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ގުޅިގެން މަސައްކަތްކުރެއެވެ. މިއީ ކާފިރުންގެ ކުފުރުގެ މައްޗަށް އެބައިމީހުންނަށް އެހީތެރިވެދިނުމެވެ. އަދި މިއީ ޚަވާރިޖުން މުރުތައްދުވެދާނެ (ދީނުން ބޭރުވެދާނެ) ފަދަ ކަންކަމުގެ ތެރެއިން ހިމެނޭ ކަމަކަށް ވެދާނެއެވެ. މިގޮތަށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުން މިހާރުގެ ޒަމާނުގައިވެސް ފެންނަން އެބައޮތެވެ. އޭގެ ތެރޭގައި އީރާނުގެ ރާފިޟީން އައްޤާޢިދާގެ ޚަވާރިޖުންނަށް އެހީތެރިވުން ފަދަ ކަންކަން ހިމެނެއެވެ. މިއީ ލިޔެކިޔުމުން ސާބިތުވާން އޮތް ޙަޤީޤަތެކެވެ. އަދި ހަމައެހެންމެ، ސުޢޫދީ ޢަރަބިއްޔާ ފަދަ ސުންނީ ޤައުމުތަކަށާއި އެހެނިހެން ސުންނީ ދައުލަތްތަކަށް ރާފިޟީ ޙޫޘީން ދޭ ޙަމަލާތަކާމެދު، އައިސިސް އާއި އައްޤާޢިދާގެ ޚަވާރިޖުން އުފާފާޅުކުރާތަންވެސް ފެންނަން އެބައޮތެވެ.